މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފި

_CHR4422ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވަނީ އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. އެ އިޞްލާޙަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ވިއްކާ ފްލެޓާއި ގޯއްޗާއި ޢިމާރާތްތައް ޖީ.އެސް.ޓީ. ނެގުމުން އިސްތިސްނާކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާޙެކެވެ. މިގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 11 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ކުރައްވާ ސުވާލުގެ ބައި ކުރިއަށް ގެންދަވާފައިވެއެވެ.

17 ރަމަޟާން 1435

15 ޖުލައި 2014