ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

_CHR3153މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ބަލައިގެންފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 16 މެންބަރުންނެވެ.

މިބިލު ބަލައިގަތުމާގުޅިގެން މިބިލު ދިރާސާކުރެއްވުމަށްވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ 6 ޖޫން 2014 ގައިރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. މިއަދުގެ ބަހުސްގެ މަރުހަލާގައި 1 މެންބަރަކު މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 90/7) އުވާލުމުގެ ބިލު  އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި ބަހުސް ކުރެއްވުމެވެ. މިއަދުގެ ޖަލްސާގައި މިބިލަށް 5 މެންބަރުން ބަހުސްކުރެއްވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ޖުލައި 2014 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސް ކުރާގޭގައެވެ.

14 ޖުލައި 2014