ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ބަލައިގެންފި

_CHR3240ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ބަލައިގެންފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު 6 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު ބަލައިގަތުމާގުޅިގެން މިބިލު ދިރާސާކުރެއްވުމަށްވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ 17 ޖޫން 2014 ގައިރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައެވެ. މިއަދުގެ ބަހުސްގެ މަރުހަލާގައި ޖުމްލަ 16 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް މުޙައްމަދު މަލީހު ޖަމާލްއާ ކުރައްވާ ސުވާލުގެ ބައިވެސް ކުރިއަށް ގެންދަވާފައިވެއެވެ.

14 ޖުލައި 2014