ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފި

PICޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ 3 މެންބަރެއްގެ މަގާމުގެ މުއްދަތު 26 ޖުލައި 2014 ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ފޮނުއްވައިފިއެވެ.

އެ 3 ނަންފުޅަކީ ހ.ގްލޯރިއޯސާ އަލްއުސްތާޛް ޢަލީ ނަދީމް، ދަފްތަރު ނަންބަރު ދރ 1320 އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފް އަދި ސ.މީދޫ ހަސަންކާރިގެ އަލްފާޟިލް މުޙައްމަދު ފަރުހާދު އެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

14 ޖުލައި 2014