ސްޓެލްކޯއަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް 1 ސެޕްޓެމްބަރ 2009 ގައި ދައުލަތުންދީފައިވާ ގެރެންޓީގެ މުއްދަތު 31 މާޗް 2015 ގެ ނިޔަލަށް އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ފާސްކުރައްވައިފި

_CHR0636މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރައްވާފައިވާ 50 މިލިއަން ރުފިޔާގެ އޯވަރ ޑްރާފްޓް ފެސިލިޓީއަށް 1 ސެޕްޓެމްބަރ 2009 ގައި ދައުލަތުންދީފައިވާ ގެރެންޓީގެ މުއްދަތު31 މާޗް 2015 ގެ ނިޔަލަށް އިތުރުކޮށް ގެރެންޓީ އައުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ، 01 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 07 ވަނަ ޖަލްސާގައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ،  މަޖިލީހުގެ ގަވާއިދުގެ 128 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މައްސަލަ ދިރާސާކުރައްވައި ނިންމަވާނެ ސުންގަޑި ކަނޑައަޅުއްވާ، މި މައްސަލަ ދިރާސާކުރެއްވުން ކުރިއަށް ގެންދެވިއެވެ.

މިގޮތުން، ސްޓެލްކޯއަށް ދައުލަތުންދީފައިވާ ގެރެންޓީގެ މުއްދަތު 31 މާޗް 2015 ގެ ނިޔަލަށް އިތުރުކުރުމަށް ކޮމިޓީގެ ޢިއްތިފާޤުން ނިންމަވައި މަޖިލީހުގެ ތަޅުވުމަށް ފޮނުވުމަށް ނިންމެވިއެވެ. އަދި ސްޓެލްކޯގެ ކޭޝްފްލޯއާއި ގުޅޭ ގޮތުންނާއި، ހިންގުމާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓެލްކޯގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.

9 ޖުލައި 2014