ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް ފައްޓަވައިފި

_CHR0755ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

މިބިލަކީ ޤާނޫނުއަސާސީން އުނގެނުމުގެ ޙައްޤު ލިބިދޭ މިންވަރަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުން އެ ޙައްޤު ހޯދައިދިނުމަށްޓަކައި އެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާހެކެވެ.

މިބިލު މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައެވެ. މިއަދުގެ ޖަލްސާގައި ޖުމްލަ 7 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް މިއަދު 4 މެންބަރުން ވާހަކަ ދައްކަވާފައިވެއެެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޖުލައި 2014 ވާ ބުދަދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

08 ޖުލައި 2014