މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ފާހެއްނުވި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރައްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ކުރިއަށް ގެންދެވުނު މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި ފާހެއްނުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މި ކުއްލި މައްސަލައަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދުގެ މައްޗަށް ތުހުމަތުކުރެވުނު އަޙްލާޤީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށް ހުށަހެޅުނު ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިރު 44 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްއާ ކުރައްވާ ސުވާލުކުރެއްވުން ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.