ޢިމާދުއްދީން ސްކޫލްގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

Untitled_Panorama1 ޢިމާދުއްދީން ސްކޫލުގެ ގްރޭޑް 7 ގެ 127 ދަރިވަރަކު މިއަދު ދެބުރަކަށް ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާބެހޭ މަޢުލޫމާތު ހޯދައިފިއެވެ.

ޢިމާދުއްދީން ސްކޫލުގެ ދަރިވަރުން މަޖިލިސްކުރާގެއަށް ޒިޔާރަތްކުރުމުން މަޖިލީހުގެ އިދާރާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި މަޖިލީހާގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަކުރެވިފައިވާ ޕާލިމަންޓްރީ އެޑިއުކޭޝަން ޓީމްގެ ބޭފުޅުން ޢިމާދުއްދީންގެ ދަރިވަރުންނަށް މަޢުލޫމާތު ދެއްވެވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މަސައްކަތްތަކާއި، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޙާބު ކުރާ ގޮތާ ބެހޭގޮތުންވެސް މިޒިޔާރަތުގައި ސްކޫލްކުދިންނަށް މަޢުލޫމާތުދެވުނެވެ.

މިސްކޫލްގެ ދަރިވަރުން މިއަދު ރައްޔިތުންގެ މަޖިލިސްކުރާގެއަށް ކުރި ޒިޔާރަތުގައި، އެސްކޫލްގެ ބައެއްވެރިންނާއި، މުދައްރިސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.