ޤާނޫނު ނަންބަރު (2/2008 ވަޒީފާއާއިބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ދެބިލް މަޖިލީހުގެ ކުރިއަށްގެންދިއުމަށް ފާސްކުރައްވައި އިޤްތިޞާދި ކަންކަމުގެ ކޮމެޓީއަށް ފޮނުއްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 64 ވަނަ ޖަލްސާގައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު (2/2008 ވަޒީފާއާއިބެހޭ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ދެބިލު މަޖިލީހުގެ ކުރިއަށްގެންދިއުމަށް ފާސްކުރައްވައި އިޤްތިޞާދި ކަންކަމުގެ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ ފުރަތަމަ ބިލްގައި ވަޒީފާއަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތެއްގެ ގޮތުގައި އެއަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން މަދުވެގެން -/2000 (ދެހާސް) ރުފިޔާ ދިނުމަށް ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއިބެހޭ ޤާނޫންގެ 51 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހަޅުއްވާފައިވާވެއެވެ.

ސުވާލުގެ ވަގުތުގައި، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލުކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، ޖުމްލަ 12 މެންބަރުން ސުވާލު ކުރެއްވިއެވެ.

58 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.