މެންބަރަކު ޕާޓީ ބަދަލު ކުރެއްވިކަމާއި ހަތަރު އަމިއްލަ މެންބަރުން ސިޔާސީ ޕާޓީއާއި ގުޅިވަޑައިގަތްކަން އިޢުލާން ކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަން ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން އެއް މެންބަރަކު ކުރިން ހުންނެވި ޕާޓީ އިން ވަކިވެވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަތުމާ ގުޅިގެންނާއި ޕާޓީއަކަށް ނިސްބަތްނުވެ މަޖިލީހަށް ހޮވިވަޑައިގެންނެވި ހަތަރު މެންބަރަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަތުމާއި ގުޅިގެން، އެކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

މިގޮތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެން ޕީޕީއެމްއާއި ގުޅިވަޑައިގަތީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުސްތަފާއެވެ. އަދި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ތެރެއިން ޕީޕީއެމް އާ ގުޅިވަޑައިގަތީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފް މުޙަންމަދާއި،  ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތާރިޤާއި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޚަލީލްއެވެ.

މިގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން، މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ވެސް މިއަދު ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. މިގޮތުން، މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 38 އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 25 އެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 15 އެވެ. މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 5 އެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި އެއް މެންބަރަކު މިހާރު މަޖިލީހުގެ ދަފްތަރުގައި ރެޖިސްޓަރކުރެވިފައިވެއެވެ.

9 ޖޫން 2014