މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ ގޮތުން ހޮއްވެވި ވަގުތީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެކުލަވާލައްވަން ހޮއްވެވި 5 މެންބަރުންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރުކަމަށް އިއްތިފާޤުން ހޮވިވަޑައިގަތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ. އަދި ނައިބު މުޤައްރިރު ކަމުގެ މަޤާމަށް ކޮމިޓީގެ އިއްތިފާޤުން ހޮވިވަޑައިގަތީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ކޮމިޓީގެ ހިންގާ ގަވައިދު ވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އެވެ.