ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވައިފި

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެފަހު ޖަލްސާ މިއަދު ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކޮންމެ މެންބަރަކަށްވެސް ވާހަކަދެއްކެވުމަށް 5 މިނެޓްގެ ފުރުޞަތެއް އެރުވުމަށްފަހުގައެވެ. މިގޮތުން ޖުމްލަ 44 މެންބަރުންވަނީ ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައެޅުނު ބޭފުޅުނަށާއި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ޕާލަމެންޓްރީ ގްރޫޕް ތަކުގެ ލީޑަރުންނާއި، މަޖިލީހުގެ އިދާރާގެ އެކި އެކި ޑިޕާރޓްމަންޓްތަކުގެ ވެރިންނާއި މުވައްޒަފުންނާއި       ސަލާމަތީ ޚިދްމަތްތައް ފޯރުކޮށްދެއްވި ފަރާތްތަކާއި މަޖިލީހުގެ މަސައްކަތް ފާރަވެރިކަމާއި އެކީގައި ބައްލަވަމުން ގެންދިއަ މީޑިއާ އަދި އެންޖީއޯތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަލްސާ ނިންމާލެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަނީ  2008 ވަނަ އަހަރު ތަސްދީޤް ކުރެވުނު އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވުނު ފުރަތަމަ މަޖިލިސް ކަން ފާހަގަކުރައްވާ،  ފުރަތަމަ ފަހަރަށް ގިނަ ސިޔާސީ ޕާޓީ ތަކަކުން ވާދަކުރި މަޖިލިސްކަމާއި މަޖިލީހުގެ ހުރިހާ މެންބަރުންނަކީ އިންތިޚާބު ވެގެން ވަޑައިގެންނެވި މެންބަރުންކަމުން، މިއީ ތާރީޚީ މަޖިލީހެއްކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން މަޖިލީހުގެ ރައީސް އަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބޭފުޅެއްގެ ގޮތުގައި 17 ވަނަ މަޖިލީހުގައި ހަމަޖެހިގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި އާޤާނޫނުއަސާސީ ގެ ދަށުން 17 ވަނަ މަޖިލީހުގައި މަސައްކަތް އިތުރުވެ ފުޅާވެގެން ގޮސްފައިވެއެވެ. މިގޮތުން ވަޒީރުންނަށް ރުހުން ދިނުމާބެހޭ މަސައްކަތް މަޖިލީހާ ހަވާލުކުރެވިފައިވާކަމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިއްމާ އާއި މަސްއޫލިއްޔަތު ޤާނޫނުއަސާސީން އެމަޖިލީހަކާ މަތިކުރި ފުރަތަމަ މަޖިލިސް ކަމާއި ސްޕްރީމް ކޯޓު އެކުލަވާލުމުގެ އިތުރުން މިނިވަން މުއައްސަސާ ތަކާއި މުސްތަޤިއްލު މަޤާމް ތަކަށް ބޭފުޅުން ޢައްޔަނު ކުރުން މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ހިމެނިފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒް ތަކާބެހޭ ޤާނޫނެއް 17 ވަނަ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. މިޤާނޫނަކީ އެތައް ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ ދެވަނަ ވިސްނުމަށް އަނބުރާ ފޮނުވާލައްވާފައިވާ ބިލެއްކަމަށާއި، އަލަށް އެކުލަވާލެވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޢްލަބިއްޔަތުން މިބިލް ޤާނޫނަކަށް ފާސްކުރެވުނު ކަމީ އައު ޤާނޫނު އަސާސީގެ ތިން ބާރު ވަކި، ތިން ބާރުގެ މިނިވަންކަމާއި އެކީގައި މަސައްކަތްކުރުމުގެ ސާބިތު މިސާލެއްކަންވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިޤާނޫނުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތައް ހިމާޔަތްކުރެވިގެންދިއުމަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެން ދިއުމަށް ލިބުނު އިތުރު ފުރުސަތެކެވެ. އެހެންނަމަވެސް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާއި ބެހޭ ޤާނޫނުގެ ބައެއް މާއްދާތައް ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާކަމީ، ޤާނޫނު އަސާސީން އެއްބާރު އަނެއް ބާރުގެ މައްޗައް ލިބިދީފައިވާ މުސްތަޤިއްލުކަމަށް ބުރޫއަރާކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރައްވާ މިހާރު ދުނިޔެ ދޫކުރައްވާފައިވާ އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާން އައުކުރައްވާ، އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް ދުޢާކުރައްވާފައިވެއެވެ. އަދި، އެކި މައްސަލަތަކުގެ ސަބަބުން ދައުރު ނިމުނު އިރުގައި ތިން ގޮނޑި ހުސްވެފައިވާކަން ފާހަގަކުރައްވާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ 18 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް މަރުޙަބާ ދަންނަވައި، ޑިމޮކްރަސީ ހަރުދަނާކުރުމުގައި ކުރިއަށް އޮތް މަޖިލީހުން އިތުރަށް މަސައްކަތްކުރައްވާނެކަމުގެ އުންމީދުގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 މެއި 2014 ވާ ބުދަ ދުވަހުއެވެ.

28 އޭޕްރީލް 2014