17 ވަނަ މަޖިލީހަށް 266 ބިލެއް ހުށަހެޅި އެބިލުތަކުގެ ތެރެއިން ޖުމްލަ 115 ބިލެއް ފާސްކުރެވިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

28 މެއި 2009 ން ފެށިގެން މިއަދާ ހަމައަށް 266 ބިލެއް ހުށަހެޅި، އެބިލުތަކުގެ ތެރެއިން ޖުމްލަ 115 ބިލެއް ފާސްކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިބިލުތަކުގެ ތެރެއިން ފާސްނުކުރައްވާ ބާޠިލްކުރެއްވުމަށް ނިންމެވީ 14 ބިލެއްކަމަށެވެ. އަދި އަނބުރާ 36 ބިލެއް ގެންދަވާފައިވާއިރު 31 ބިލެއް މަޖިލީހަށް ބަލައިނުގަތުމަށް ފާސްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ފުރަތަމަ ކިޔުން އިއްވިފައިވާ 5 ބިލެއްވެސް މަޖިލީހުގައި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ނިމިގެންދާ މިދައުރުގައި މަޖިލީހުން ފާސްކުރެއްވި މުހިންމު ބިލުތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ ބިލާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޙާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ބިލާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބިލާއި، ޢާންމު ޢިޖްތިމާޢީ މިންގަނޑުތަކާ ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ބިލާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި، ޓެކްސްއާގުޅޭ ބިލުތަކާއި، މަސްތުވާ ތަކެއްޗާއި ބެހޭބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލާއި، ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ބިލާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލު ފާހަގަކޮށްލެވެއެވެ.

މިއަދުގެ ޖަލްސާ ފެއްޓުމުގެ ގޮތުން ވާހަކަ ދައްކަވަމުން، 28 މެއި 2009 ން ފެށިގެން މިއަދާ ހަމައަށް 328 މައްސަލައެއް މަޖިލީހަށް ހުށަހެޅުނުކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މަޖިލީހުން ފާސްކުރެއްވި 223 މައްސަލައަކާއި، ފާސްނުކުރެއްވުމަށް ނިންމެވި 23 މައްސަލައަކާއި، މަޖިލީހަށް ބަލައިގެންފައި ބަހުސްކުރައްވާފައިވާ 52 މައްސަލައަކާއި، އަނބުރާ ގެންދެވި 6 މައްސަލައަކާއި، ބަލައިނުގަތުމަށް  ފާސްކުރެއްވި 6 މައްސަލައެއް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން 28 މެއި 2009 ން ފެށިގެން މިއަދާހަމައަށް މިމަޖިލީހަށް 41 ޤަރާރު ހުށަހެޅުނުކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މަޖިލީހުން ފާސްކުރެއްވި 9 ޤަރާރަކާއި، އަނބުރާ ގެންދެވި 13 ޤަރާރަކާއި ބަލައިނުގަތުމަށް ފާސްކުރައްވާފައިވާ 8 ޤަރާރަކާއި ފާސްނުކުރެއްވުމަށް ނިންމަވާފައިވާ 3 ޤަރާރެއް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާކަމަށްވާތީ، މިއަދުގެ ޖަލްސާގައި މެންބަރުންނަށް އަންނަނީ ވާހަކަދެއްކެވުމަށް 5 މިނެޓްގެ ފުރުޞަތެއް އަރުވަމުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

*  17 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކަންކަމުގެ ތަފާސްހިސާބު

*  17  ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް

 

28 އޭޕްރީލް 2014