ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/11) އަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 7 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ 35 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މިބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މުޤައްރިރު ރިޔާޒް ރަޝީދު އެވެ. މިބިލަށް ޖުމްލަ 10 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދި ނައިބު ރައީސް އަޙްމަދު ނާޒިމް ބަލަހައްޓަވާފައިވެއެވެ.

21 އޭޕްރީލް 2014