އިންޑިއަން ހައި ކޮމިޝަނަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއަން ހައި ކޮމިޝަނަރ ހިސް.އެކްސެލެންސީ މރ. ދިނޭޝްވަރު މުލޭ (H.E. Dnyaneshwar Mulay) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވުނު މި ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއަން ހައި ކޮމިޝަނަރ އަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ގުޅޭގޮތުން ހައި ކޮމިޝަނަރއަށް މަޢުލޫމާތު އެރުއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތުގެ މައްޗަށާއި، ކޮމިޓީތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތުވެސް ހައި ކޮމިޝަނަރ ހިސް.އެކްސެލެންސީ މރ. ދިނޭޝްވަރު މުލޭއަށް މަޖިލީހުގެ ރައީސް ހިއްސާ ކުރެއްވިއެވެ. އަދި އިންތިޤާލީ މަރުޙަލާ ނިމެންވާއިރަށް މަޖިލީހުން ނިންމަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތައްވެސް މަޖިލީހުގެ ރައީސް ހައި ކޮމިޝަނަރއަށް އެރުވިއެވެ.

އިންޑިއަން ހައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާގެ ޕާލަމެންޓަރީ ފްރެންޑްޝިޕް ޤުރޫޕްގެމައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެއްޤައުމުން އަނެއްޤައުމަށް އިޙްތިރާމްގެ ޒިޔާރަތްތައް ކުރެއްވުމުގެ މުހިއްމުކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންޑޔާގެ ލޮކްސަބާގެ ރައީސާ މިއަހަރުގެ ސެޕްޓެމްބަރުމަހު ރައްޔިތުންގެ މަޖިލީހަށް ކުރައްވަން ހަމަޖެހިފައިވާ ޒިޔާރަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.