ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވައިފި

_CHR1370 މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް އަބޫބަކުރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 45 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 3 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓުދޭންބޭނުންނުވާކަމަށް 5 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި މިބިލަށް 3 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ގިނަ ބިދޭސީންނަކީ ކުރު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ރާއްޖެ ދޫކޮށްދާ ފަރާތްތަކަކަށްވުމާއެކު، އެފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކޮންޓްރިބިއުޓްކުރާ ފައިސާ ދިގު މުއްދަތަކަށް ސްކީމްގައި ނުބެހެއްޓޭނެތީ، އެފަރާތްތައް ޢުމުރުން ދުވަސްވާއިރު ރާއްޖޭގައި ނުތިބޭނެތީ، އެފަރާތްތައް މިސްކީމްގައި ބައިވެރިކޮށްގެން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މަޤުޞަދު  ހާސިލްވާނެކަމަށް ނުފެންނާތި، ބިދޭސީން ސްކީމްގައި ބައިވެރިކުރަންނުޖެހޭ  ގޮތަށް ހެދުން ހިމެނެއެވެ.