ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި

_CHR1077 މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް އަބޫބަކުރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 18 މެންބަރުންނެވެ. އަދި ވަކިގޮތަކަށް ވޯޓުދޭންބޭނުންނުވާކަމަށް 5 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިބިލު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި މިބިލަށް 11 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުޚުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ސިފަތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ އުޞޫލުތައް ހަރުދަނާ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.