މާދަމާ ބޭއްވޭ މަޖިލީހުގެ ޖަލްސާގައި ޖިންސީ ކުށުގެ ބިލްއާ ގުޅިގެން ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީ މަޖިލީހަށް އިއްވާވަގުތުގައި ލައިވް ފީޑް ކެނޑިފައި ހުންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނބުރާ ފޮނުއްވާފައިވާ ޖިންސީ ކުށުގެ ބިލާއި އެކު ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވާ ބައެއްކަންކަމާއި ބައެއް އިބާރަތްތަކަކީ އާންމުކޮށް ބްރޯޑްކާސްޓްކުރުން އެންމެ ރަނގަޅު ނުވެދާނެ އިބާރާތްތަކެއް ކަމަށްވާތީ، މާދަމާ ބޭއްވޭ މަޖިލީހުގެ ޖަލްސާގައި އެސިޓީ މަޖިލީހަށް އިއްވަވާ ވަގުތުގައި ލައިވް ފީޑް ކެނޑިފައި ހުންނާނެކަމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ އިދާރާއިން މީޑިޔާގެ ފަރާތްތަކަށް ފޮނުއްވާފައިވާ ސިޓީގައި، މާދަމާގެ ޖަލްސާއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ޖަލްސާއެއް ކަމަށާއި، ލައިވްފީޑް ކެނޑިފައި ހުންނާނީ އެސިޓީ މަޖިލީހަށް އިއްވަވާ ވަގުތުގައި އެކަނި ކަމަށާއި، އަދި ސިޓީ މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެކަމުގައި ފާހަގަކުރައްވާފައިވެއެވެ.

30 ޑިސެމްބަރ 2013 ވީ ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި “ޖިންސީކުށުގެ ބިލު” މަޖިލީހަށް އަނބުރާފޮނުއްވާފައިވަނީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިންނެވެ.

24 މާރިޗު 2014