މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިގޮތުން ފުރަތަމަ ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމުގައި ސުޕްރިމް ކޯޓުން 9 މާރޗް 2014 ގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އިއްވެވި ހުކުމާއި ގުޅިގެން، ކޮމިޓީގެ 3 މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަދި އެއަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2 މެންބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ. ނަމަވެސް މިމައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންނެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހުރިހާ މެންބަރުންނަށް، ކޮމިޓީން ވަނީ ވަކިވަކިން ދަންނަވާފައެވެ.
އަދި، މިއަދު ބޭއްވުނު މިކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަންއަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ ބޭފުޅުންނާއި އިންޓަރވިއުކުރެއްވުން ކުރިއަށް ގެންދެވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމާމެދު ކޮމިޓީން ނިންމެވި ނިންމެވުން، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުން އެދި ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްވެސް ނިންމެވިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ، ކޮމިޓީގެ ނައިބު މުޤައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ.