ޔޫރަޕިއަން ޔޫނިއަންގެ ވަފުދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR6344ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ “އީ.ޔޫ އިލެކްޝަން އޮބްޒާވަރ މިޝަން” ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ޗީފް އޮބްޒާވަރ ކޮންރާޑް އޮލްޒުސްކީ އާއި އިލެކްޝަން އެންޑް ޕޮލިޓިކަލް އެނެލިސްޓް މެރިޔަން ގެބްރިއަލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

      ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމްތައް އަމާން އޮމާންކޮށްދާނެ ކަމަށް އުއްމީދުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މި އިންތިޚާބަކީ ދެފުށްފެންނަ، އަދި އިތުބާރުހިފޭ އިންތިޚާބަކަށް ހެދުމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ މުހިންމު ދައުރާގުޅޭގޮތުން ވާހަކަދެއްކެވިއެވެ.