ނޫސް ބަޔާން

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އަޣްޔަންކުރުމާއި، ވަކިކުރުމުގެ އިޖުރާޢަތުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގައި ކަނޑައެޅި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކެވެ. އަދި، އެ ކޮމިޝަނަށް މެންބަރުން އަޣްޔަންކުރުމާއި، ވަކިކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގައާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތައް ޙަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައިވާތީ، މިއަދު އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން މީޑިއާ ގިނަ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯއްދެވުމަށް ގުޅުއްވަމުން ގެންދަވާތީ ދަންނަވަމެވެ.

ސުޕްރީމް ކޯޓުގެ އިސްވެދެންނެވި ޙުކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެއްޗެއް ބުނެވޭނީ އެ ޙުކުމްގެ ލިޔުން ލިބި، އެ ލިޔުން ދިރާސާކުރެއްވުމަށްފަހުގައެވެ. އަދި، ސުޕްރީމް ކޯޓުގެ އެ ޙުކުމްގެ ލިޔުން ފޮނުއްވައިދެއްވުމަށް އެ ކޯޓުގައި އެދި، މިހާތަނަށްވަނީ އެ ޙުކުމްގެ ލިޔުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ނުވެފައެވެ.

                         09 މާރިޗު 2014