ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލު މަޖިލީހަށް ހުށަހަޅުއްވާ، ދިވެހިބަސް ޙިމާޔާތްކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެ އިޖްތިމާޢީ ކޮމެޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަސްވަނަ ޖަލްސާއަށް ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލު ހުށަހެޅުއްވުމަށްފަހު، ދިވެހިބަސް ޙިމާޔަތްކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެ އިޖްތިމާޢީ ކޮމެޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު ޤައުމީ ސިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލު މަޖިލީހަށް މިއަދު ހުށަހެޅުއްވަމުން ވިދާޅުވީ، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޞީއްޙީ ޚިދުމަތް ލުއި ފަސޭހަ ގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ޞިއްޙީ ފަރުވާގެ އިންޝުއަރަންސާބެހޭ ނިޒާމެއް އެކަށައަޅައި، އެނިޒާމް އިންތިޒާމް ކުރެވިފައިވާ ގޮތުގެ ތަފްޞީލާއި، އެނިޒާމް ހަރުދަނާ ގޮތެއްގައި ހިނގާނެ ގޮތް ބެލެހެއްޓުމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް އޮތުން މުހިންމު ކަމަށްފެންނާތީ ހުށަހެޅުއްވި ބިލެއްކަމުގައެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމާ ކުރައްވާ ސުވާލު ކުރުން ކުރިއަށް ގެންދެވުނެވެ. މިއަދުގެ ސުވާލު ބިނާކުރައްވައިފައިވަނީ، 26 ޑިސެމްބަރ 2004 ސުނާމީ ކާރިޘާއަށްފަހު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއިން ތ. މަޑިފުށީ ރައްޔިތުންނަށް ހިލޭ އެހީގެ ގޮތުގައި އަޅާދީފައިވާ އިންޖީނުގެ ރައްޔިތުންނަށް ބަދަލުނުދީ، ރައްޔިތުންގެ ތެރޭން ގިނަ ބައެއްގެ ރުހުމާއި ދެކޮޅަށް ނެޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓްގެ ސިޓީއަކުން އެ އިންޖީނު ގެ މެދު ދެކުނު ޕްރޮވިންސްގެ ޔުޓިލިޓީޒް ކުންފުންޏާއި  ޙަވާލުކޮށްފައިވާތީ އެކަން ސާފުކުރެއްވުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް މެންބަރުން ވަރަށްފުޅާ ދާއިރާއެއްގައި ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، މިއަދުގެ ޖަލުސާގެ ވަގުތު ހަމަވެގެން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމުއެވެ.