އޭޝިއާ ޕެސިފިކް ގްރޫޕް (އޭ.ޕީ.ޖީ) ގެ އެންޓި މަނީ ލޯންޑްރިންގ ގްރޫޕްގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދެއް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލާ ގުޅޭގޮތުން، މަޝްވަރާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިބިލަކީ ވަރަށް މުހިންމު ބިލެއްކަމަށް ފާހަގަކޮށް އޭޝިޔާ ޕެސިފިކް ގްރޫޕްގެ ހިމެނޭ 41 ޤައުމުގެ ތެރެއިން މިހާރު މިކަމާ ގުޅޭ ލެޖިސްލޭޓިވް ފްރޭމްވަރކްއެއް ނެތީ ހަމައެކަނި ދިވެހިރާއްޖޭގައިކަމުން، މިޤާނޫނު އަވަހަށް ފާސްނުކުރެވިއްޖެނަމަ، ފައިނޭންޝަލް އެކްޝަންސް ޓާސްކް ފޯސްގެ ފަރާތުން ރާއްޖެއާ ބެހޭ ދިގު ރިވިއުއެއް ހެދޭނެކަމަށާއި، އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މިބިލު އަވަހަށް ނިންމުމަށްޓަކައި ކޮމިޓީފަރާތުން މި ހިނގަމުންދާ މަޖިލީހުގެ ރިސެސްތެރޭގައި ކުރެވެން ހުރި މަސައްކަތްތަކެއްކޮށް ކުރިއަށް އޮތް މާރޗް މަހު މަޖިލިސް ހުޅުވޭއިރު ބިލުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ފަރާތުން ހުށަހަޅުއްވާނެކަމުގެ ޔަޤީންކަން ކޮމިޓީގެ ފަރާތުން މުޤައްރިރުވަނީ ވަފުދަށް އަރުވާފައެވެ.
(އޭ.ޕީ.ޖީ) ގެ އެންޓި މަނީ ލޯންޑްރިންގ ގްރޫޕްގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވީ ކޮމިޝަނަރ އެންޑްރޫ ކޮލްވިސްއާއި ޑރ. ގޯޑަން ހޫކް އާއި މރ. ހެރީ ނެޕަލް އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން މި ބައްދަލުވުމުގައި އެސިސްޓަންޓް ގަވަރނަރ، ފިނާންޝަލް ސްޓެބިލިޓީ ނިޒާ އިމާދުއާއި، މެނޭޖަރ، ފިނާންޝަލް އިންޓެލިޖެންސް ޔުނިޓް، އަލްފާޟިލް ޢަބްދުﷲ އަޝްރަފް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް ބައިވެރިވެވަޑައިގެންނެވިއެވެ.
12 ފެބްރުއަރީ 2014