ސައިޕްރަސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސައިޕްރަސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ.އެކްސެލެންސީ މސ. ނަފްސިކާ ކްރައުސްޓީ ( H.E.Ms.Nafsika Krousti ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު ބޭއްވުނު މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ސައިޕްރަސްގެ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާގުޅޭ ގޮތުން ސަފީރަށް މަޢުލޫމާތު އެރުއްވިއެވެ. އަދި މީގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތުގެމައްޗަށާއި މަޖިލީހުގައި އެކުލެވިގެންވާ ސިޔާސީ ޕާޓީތަކާއި ބެހޭ މަޢުލޫމާތުވެސް ސަފީރަށް މަޖިލީހުގެ ރައީސް ހިއްސާކުރެއްވިއެވެ.

ސައިޕްރަސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަނގަކުރައްވައި އެކަންތައްތަކާގުޅޭ މަޢުލޫމާތުތައް މަޖިލީހުގެ ރައީސަށް ހިއްސާކުރެއްވިއެވެ. އަދި  މީގެ އިތުރުން ސަފީރުގެ ވާހަކަފުޅުގައި ސައިޕްރަސްގެ ސިޔާސީ ހާލަތު އޮތްގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.