ސަރުކާރު ފަރާތުން، ޓޫރިޒަމް ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ 2 ބިލަކާއި އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލު މުޅި މަޖިލީސް އެކުގައި ކޮމިޓީން ފާސްކުރައްވައިފި

މިއަދު ބޭއްވުނު މުޅި މަޖިލީސް އެކުގައި ކޮމިޓީން، ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ޤާނޫނު ނަންބަރު 99/2( އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ޤާނޫނު ނަންބަރު 99/2( އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު )ޤާނޫނު ނަންބަރު 2011/10( އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީސް އެކުގައި ކޮމިޓީން ފާސްކުރައްވައިފިއެވެ.

މި ތިން ބިލުގެ ރިޕޯޓްވެސް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގެ މުޤައްރިރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ. މިރިޕޯޓް ތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ 2 ބިލުގެ ރިޕޯޓަށް އެއްވެސް އިޞްލާޙެއް ހުށަހަޅުއްވާފައި ނުވުމުން، ކުޑަ ކޮމިޓީން ނިންމެވި ރިޕޯޓް އޮތްގޮތަށް ފާސްކުރުމަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ޤާނޫނު ނަންބަރު 99/2( އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓް މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތަށް ފާސްކުރެއްވުމަށް ވޯޓުދެއްވީ ފެންނަކަމަށް 38 މެންބަރުންނެވެ. އަދި ނުފެންނަކަމަށް 23 މެންބަރުންނެވެ. އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ޤާނޫނު ނަންބަރު 99/2( އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓް މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތަށް ފާސްކުރެއްވުމަށް ވޯޓުދެއްވީ ފެންކަމަށް 37 މެންބަރުން ނުފެންނަކަމަށް 23 މެންބަރުންނެވެ.

މީގެއިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު )ޤާނޫނު ނަންބަރު 2011/10( އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކުޑަ ކޮމިޓީން ނިންމެވި ރިޕޯޓަށް އެއް އިޞްލާހު ހުށަހެޅިފައިވެއެވެ. އެ އިޞްލާޙު ހުށަހެޅުއްވީ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ. މިބިލުގެ ރިޕޯޓަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހެޅުއްވި އިޞްލާޙަށް ވޯޓަށް އެއްސެވުން ފެންނަކަމަށް 36 މެންބަރުން އަދި ނުފެންނަކަމަށް 23 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އެހެންކަމުން މި އިޞްލާހު ފާސްވީކަމަށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމެވިއެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމިޓީން ގެންނެވި އިޞްލާޙާއެކު ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ފެންނަކަމަށް 37 މެންބަރުން ނުފެންނަކަމަށް 21 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މީގެއިތުރުން، މިކޮމިޓީގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު )ޤާނޫނު ނަންބަރު 79/31( އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ނިންމެވިއެވެ.

މިގޮތުން، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރެވުނު 11 މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ  އަދިމިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.