މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

 މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މި މައްސަލައަކީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤަތުލުކޮށް އަދި ނުރައްކާތެރި މަރުގެ ޙަމަލާތައް ދެމުންދާ ފަރާތްތައް ހޯއްދަވައި، އެފަރާތްތަކުގެ މައްޗަށް ރަނގަޅު ތަޙްގީގާއި ޝަރީޢަތްތައް ހިންގަވައި، އެފަރާތްތަކަށް ހައްޤު އަދަބު ދެއްވުމަށް ގެންދަވާކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭކަމެއްކަމަށްވީހިނދު، މިކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައިކަމަށް ވިދާޅުވެ މަޖިލީހުގެ ޤަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 25 މެންބަރުންގެ އިއްތިފާޤުންނެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 19 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު (ޤާނޫނު ނަންބަރު 79/31) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތުދާއީ ބަހުސް ނިންމަވާލައްވާފައިވެއެވެ. މިބިލަށް މިހާތަނަށް ޖުމްލަ 2 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. މިބިލަށް ވޯޓަށް އެހުން އޮންނާނީ މިއަދު 01:30 ގައެވެ.

3 ފެބްރުއަރީ 2014