ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ހުށަހެޅުނު އިސްލާޙުގައިވަނީ ޤާނުނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގައިވާ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ ޢުމުރަކީ ފަސް އަހަރު ދުވަހެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރެވެ.

ބިލު ހުށަހަޅުއްވަމުން ޢިއްޒަތްތެރި މެންބަރު ދެއްކެވި ވާހަކަފުޅުގައި، ޤާނޫނުއަސާސީގެ 231ވަނަ މާއްދާގެ (ނ) އަށް އިސްލާޙެއް ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ، ކައުންސިލްތަކުގެ އިންތިޚާބު ކޮންމެ ތިން އަހަރު ދުވަހަކުން އެއްފަހަރު ބާއްވަންޖެހުމުން ފަސް އަހަރު ދުވަހުގެ ރިޔާސީ ދެ ދައުރުގެ ތެރޭގައި، ކައުންސިލްގެ އިންތިޚާބު ތިންފަހަރު މަތިން ބާއްވަން ޖެހޭނެތީއާއި، މިކަމަކީ ދައުލަތުގެ މާލިއްޔަތުން ގިނަގުނަ ފައިސާތަކެއް ޚަރަދުވާނެ ކަމެއްކަމުގައި ވާތީއާއި، މަދުވެގެން ފަސް އަހަރު ދުވަހަށް ކައުންސިލްގެ އުމުރު ހަމަޖެހިފައި އޮތުމުން، ދައުލަތުގެ މާލިއްޔަތުން އެތައް ގުނަ ފައިސާއެއް ސަލާމަތްކުރެވޭނެތީއާއި، ކައުންސިލްތަކުގެ ޢުމުރަކީ މަދުވެގެން ފަސް އަހަރުކަމަށް އޮތުމުން، އިންތިޚާބުތައް ބޭއްވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށްވެސް ވަރަށް ގިނަ ގުނަ ލުއި ފަސޭހަތަކެއް ލިބިގެން ދާނެތީ ހުށަހެޅުއްވި އިސްލާޙެއްކަމުގައެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މަޖިލީހުގެ ޤަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ ނަން ޢިއުލާން ކުރައްވާފައެވެ. އެގޮތުން މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ތަސްމީނު ޢަލީ ކަމުގައި ކަނޑައަޅާ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ މަނިކު ކަމުގައިވަނީ ކަނޑައަޅުއްވާއިފައެވެ.

މިއަދުގެ ޖަލްސާއަށް ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަކާއި، މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަކާއި، މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސައްކަތުގެ ދާއިރާ އަށް ގެންނަވާފައިވާ ބައެއް ބަދަލުތައް މަޖިލީހުންވަނީ ފާސްކުރައްވާއެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމާވަނީ ސުވާލުކުރައްވާފައެވެ. ސުވާލުގައި ވަނީ ތ. މަޑިފުށީ ބަނދަރުގެ އެއްގަމު ތޮށީގެ އެއްބައި ވަނީ ފުނޑުފުނޑުވެ ކިރިޔާ ނުވެއްޓިކަމާއި، މިތޮށި މަރާމާތު ނުކޮށް ރެނދުއަޅާ ބިންދައިގެން ގޮސްފައިވާބައި ބަނދަރުގެ ތެރެއަށް ވެއްޓިއްޖެނަމަ ވަރަށް ބޮޑު ގެއްލުމަކާއި މަޑިފުށީ ރައްޔިތުންނާއި ކުރިމަތިވާނެތީ، އެ ބަނދަރު މަރާމާތު ކުރުމާއި ގުޅޭގޮތުންނެވެ.

68 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.