ރާއްޖޭގައި ބޭއްވުނު 7 ވަނަ ސާކް ސްޕީކާސް އެންޑް ޕާލިމެންޓޭރިއަންސް ކޮންފެރަންސްގެ ކާމިޔާބީ ފާހަގަކުރައްވާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޝުކުރުގެ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވައިފި

DSC_8016

2013 ވަނަ އަހަރުގެ ޑިސެމްބަރު 21 ން 23 އަށް ރާއްޖޭގައި ބޭއްވި އެސޯސިއޭޝަން އޮފް ސާރކް ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ކުރިއަށްގެންދަވާފައިވާކަން ފާހަގަކުރައްވާ، ރާއްޖެއިން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ދެއްވާފައިވާ ހޫނު މަރުޙަބާއަށްޓަކައި އަމިއްލަ ނަންފުޅުގައްޔާއި ކޮންފެރަންސްގައި ބައިވެރިވެވަޑައިގެންނެވި ސްރީލަންކާގެ ވަފްދުގެ ފަރާތުން ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޗަމާލް ރާޖަޕަކްސަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޝުކުރުދަންނަވައިފިއެވެ.

ޗަމާލް ރާޖަޕަކްސަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ސާކް ސްޕީކާސް ކޮންފެރެންސްގެ ކާމިޔާބީގެ ސިއްރަކީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅާއި އެއްބާރުލެއްވުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ސާރކް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ ޔަޤީންކަން ރާޖަޕަކްސަގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.