ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރިޕަބްލިކް އޮފް ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ނުވަތަ ނެޝެނަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ޑރ.ޕެޓްރިކް އެމިނީ، ޖޫންމަހުގެ 7 ން 11 ށް، ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ހުކުރު ދުވަހުގެރޭ ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭގެ ވައިގެބަނދަރުން އަލްވަދާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު އަލްއުސްތާޛު އަޙުމަދު މުޙައްމަދެވެ.

ޑރ.ޕެޓްރިކް އެމިނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ބައްދަލުކުރައްވާ ދެޤައުމުގެ ތިމާވެށީގެ ޙާލަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާ ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުންބަދަހި ކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.