ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

_CHR0762 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމަށްޓަކައި “އީޔޫ އިލެކްޝަން އޮބްޒަރވަރ މިޝަން”އެއް ރާއްޖެއަށް އައުމާމެދު ގޮތެއް ނިންމުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން ފޮނުއްވާފައިވާ “އެކްސްޕްލޮޓަރީ މިޝަން”ގެ ވަފުދެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވި، މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ ބަލްތަސާރު ބެންޒް، ޝާލޮޓް މިނާސިއަން – ޕެކޮވިޓްސް، ނިކޮލަސް ގޮމެސް،  ޑެލްފިން ބްލާންޝޭ، ކެތެރިން ޕާސްކަލް އަދި މާކް ވިޓްކޮމްބް އެވެ.

މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމްތައް އަމާން، އޮމާންކޮށް ދާނެ ކަމަށް އުއްމީދުކުރައްވާކަމަށާއި، ރާއްޖޭގައި ކުރިން ބޭއްވުނު އިންތިޚާބުތައް މޮނިޓަރ ކުރެއްވުމުގައި އީޔޫ ފަދަ ދިވެހިރާއްޖޭގެ ތަރައްޤީގެ ޕާރޓްނަރުންގެ ޚިއްޞާ މުހިއްމުކަމުގައި  ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި ވަފުދެގެ ފަރާތުން އިންތިޚާބުގެ ކަންތައް މޮނިޓަރ ކުރެއްވުމުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ދައުރާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާފަވެއެވެ.