މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު، އެއިންތިޚާބު ބޭއްވޭނޭ ކަމާމެދު ލޯކަލް މީޑިއާގައި ސުވާލު އުފެދެމުންދާތީ އެމައްސަލަ އޮޅުން ފިލުވުމަށްޓަކައި 3 މެންބަރުން ސޮއި ކުރައްވައި ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާ 2014 ޖެނުއަރީ 18 ވަނަ ދުވަހު އެ އިންތިޚާބު ބޭއްވޭނެ ކަމާމެދު ލޯކަލް މީޑިއާގައި ސުވާލު އުފެދެމުންދާތީ އެމައްސަލަ އޮޅުން ފިލުވުމަށްޓަކައި މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ (ހ)  ގެ ދަށުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުން ސޮއި ކުރައްވައި ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ.

މި ގޮތުން މި މައްސަލައާ މެދު ނިންމެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހަޅުއްވާފައިވާ ގޮތަށް މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ދެންނެވުމަށެވެ. މިގޮތުން މިއަދު ހަވީރު 4:00 ގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ކޮމިޓީގެ ބައްދަލުވުމަށް ދެންނެވުމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން މެދު ކަނޑުއްވާލެއްވި އެވެ. އަދި އެބައްދަލުވުން، އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި އަދި އެކޮމިޝަންގެ މެންބަރުންނާއިއެކު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.