ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މިއަދު ކުރިއަށް ގެންދެވުނު ޚާއްސަ ޖަލްސާގެ ނިޒާމް ގެއްލުމާ ގުޅިގެން، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރެއްވުމަށް ވަގުތުކޮޅަކަށް ޖަލްސާ މެދު ކަނޑާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިސެސް ތެރޭގައި، ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ ގަވައިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހެޅޭތާ، ސާދަ ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.

މިއަދުގެ ޚާއްސަ ޖަލްސާއެއް ކުރިއަށް ގެންދަވާފައިވަނީ2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށަހެޅުއްވި މިންވަރަށް ވުރެ އިތުރުކޮށް މަޖިލީހުން ފާސްކުރެވުނުއިރު ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށްޓަކައި ހުށަހެޅިފައިވާ ކަންކަމަށް މަގުފަހިކުރުމަށް ސަރުކާރުން ފޮނުއްވި ބިލުތައް ފާސް ނުވަނީސް މިދިޔަ އަހަރުގެ ފަހު ދައުރު ވަނީ ނިމިފައި ކަމަށާއި ދެމަސްދުވަސް ވަންދެން މިކަމަށް ޙައްލެއް ނުލިބިއޮތުމަކީ ބަޖެޓް ތަންފީޛް ކުރުމަށް އޮތް ވަރަށްބޮޑު ހުރަހަކަށްވާނެ ކަމަށާއި، މިކަމުގެ ގެއްލުން ދައުލަތާއި، ރައްޔިތުން ތަޙައްމަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، މިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ، ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުން އެދިވަޑައިގެން މަޖިލީހުގެ 27 މެންބަރުން މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ.

14 ޖެނުއަރީ 2014