14 ޖެނުއަރީ 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވަވާގޮތަށް ހަމަޖައްސަވައިފި

14 ޖެނުއަރީ 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. އަދި މިޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ދެބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިސެސް ތެރޭގައި، ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ ގަވައިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހެޅޭތާ، ސާދަ ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.

2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށަހެޅުއްވި މިންވަރަށް ވުރެ އިތުރުކޮށް މަޖިލީހުން ފާސްކުރެވުނުއިރު ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށްޓަކައި ހުށަހެޅިފައިވާ ކަންކަމަށް މަގުފަހިކުރުމަށް ސަރުކާރުން ފޮނުއްވި ބިލުތައް ފާސް ނުވަނީސް މިދިޔަ އަހަރުގެ ފަހު ދައުރު ވަނީ ނިމިފައި ކަމަށާއި ދެމަސްދުވަސް ވަންދެން މިކަމަށް ޙައްލެއް ނުލިބިއޮތުމަކީ ބަޖެޓް ތަންފީޛް ކުރުމަށް އޮތް ވަރަށްބޮޑު ހުރަހަކަށްވާނެ ކަމަށާއި، މިކަމުގެ ގެއްލުން ދައުލަތާއި، ރައްޔިތުން ތަޙައްމަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، މިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުން އެދިވަޑައިގެން މަޖިލީހުގެ 27 މެންބަރުން ވަނީ މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވާފައިވެއެވެ.

14 ޖެނުއަރީ 2014 ވާ އަންގާރަ ދުވަހު މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ގަސްދުކުރައްވާކަން އަންގަވައި، މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް ފޮނުއްވާ ސިޓީ އާއި، އެޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން މިހާރު ގެންދަނީ ފޮނުވަމުންނެވެ.