އާ އަހަރުގެ ތަހުނިޔާ

މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަމެވެ. އެކަލޭގެފާނުންގެ އިތުރު ޢާލުންނާއި މިތުރު ޞަޙާބީން މި ޞަލަވާތާއި ސަލާމުގައި ޝާމިލުވާގޮތުގައެވެ.

މީލާދީ އަހަރެއް ނިމި އައު އަހަރަކާއި ކުރިމަތިލާ މިދަނޑިވަޅުގައި އަޅުގަނޑުގެ އެންމެ އިސްވާޖިއްބެއްކަމުގައި ދެކެނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުނަށް މީލާދީ އައު އަހަރުގެ އުފާވެރި ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރުމެވެ.

ނިމިގެން ދިޔަ އަހަރަކީވެސް ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ބުރަ މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. މިނިގެންދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 19 ބިލެއް ފާސްކުރައްވާފައިވެއެވެ. އަދި މިހާތަނަށް 96 ބިލެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްދެއްވާފައެވެ. މިމައްސަކަތް މިގޮތަށް ކުރެވިފައިމިވަނީ މަޖިލީހުގެ މެންބަރުން މިމަސައްކަތުގައި ބެހެއްޓެވި ޝައުޤުވެރިކަމާއި ދެއްވި އެއްބާރުލެއްވުމުގެ ސަބަބުންނެވެ. އެކަމަށްޓަކައި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އަހަރެއް ފާއިތުވެ އާއަހަރަކާއި އަޅުގަނޑުމެން ކުރިމަތިލާ މި ދަނޑިވަޅުގައި އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިވޭތުކުރި އަހަރަށްވުރެ ފާގަތި، އުފާވެރި، ރާއްޖެއަށް ތަނަވަސް، އަދި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަހަރެއްކަމުގައި ލައްވައި، އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުމެވެ. އާމީން

  ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

31 ޑިސެމްބަރ 2013