ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ، މުރާޖަޢާކުރުމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވައިފި

29 ޑިސެމްބަރ 2011 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ، 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނުގެ ދަށުން ދެކުނުގެ 4 އަތޮޅުކަމަށްވާ، ސ. ޏ. ގއ. އަދި ގދ. އަތޮޅުގެ ރަށްތަކުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓްގެ ތެރެއިން 704 ޔުނިޓް ހުޅުމާލޭގައި އިމާރާތްކުރާ ގޮތަށް ނިންމާފައިވާކަމަށް ވިދާޅުވެ 26 ޑިސެމްބަރ 2012 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅާ ގުޅިގެން އެ 704 ޔުނިޓް ހުޅުމާލޭގައި އިމާރާތްކުރުމަކީ އެންމެ ރަނގަޅު ގޮތެއްކަމަށް 24 ޑިސެމްބަރ 2012 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުން ފާސްވެފައިނުވާތީ، ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދިވަޑައިގެން 25 ޑިސެމްބަރ 2013 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އިސްވެދެންނެވުނު ނިންމެވުން މުރާޖަޢާކުރުމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ ފޮނުއްވައިފިއެވެ.

      މިމައްސަލަ މަޖިލީހުން ނިންމެވީ 29 ޑިސެމްބަރ 2013 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

31 ޑިސެމްބަރު 2013