15 ވަޒީރުންނަށް ރުހުން އޮތްކަމަށް މަޖިލީހުން ފާސްކުރައްވައިފިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ރައީސް ސިޓީ ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ 15 ވަޒީރުންނަށް ރުހުން އޮތްކަމަށް މަޖިލީހުން ފާސްކުރައްވައިފިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ރައީސް ސިޓީ ފޮނުއްވައިފިއެވެ.

      މިވަޒީރުންނަކީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ޢައްޔަންކުރެއްވި، މ.ސީނުކަރަންކާގެ، ކާނަލް (ރޓ) މުޙަންމަދު ނާޒިމްއާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމަށް ޢައްޔަންކުރެއްވި، ދަފްތަރު ނަންބަރު 1015، އަލްފާޟިލް ޢަބްދުﷲ ޖިހާދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަންކުރެއްވި، މ.އެންދެރިމާގެ، އަލްފާޟިލާ ދުންޔާ މައުމޫންއާއި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރެއްވި، ހ. ސާމަރާ، އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރުއާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވި، ހ.ހާލި، އަލްފާޟިލް އަމީން އިބްރާހީމްއާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޢައްޔަންކުރެއްވި، ގއ.މާމެންދޫ / ސަޢީދުމަންޒިލް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދުއާއި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ މަޤާމަށް ޢައްޔަންކުރެއްވި، ހ.ދޮންޖޭމުގެ، އަލްފާޟިލް ޢުމަރު ނަސީރުއާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ޢައްޔަންކުރެއްވި، ހ.ރޯޒްބީމް، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް ޢައްޔަންކުރެއްވި، ހއ.ތުރާކުނު / ވިނަރެސް، އަލްފާޟިލް މުޙަންމަދު ސަޢީދުއާއި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަންކުރެއްވި، މ.ދިމްޔާތު، ޑޮކްޓަރ މުޙަންމަދު މުޢިއްޒުއާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމަށް ޢައްޔަންކުރެއްވި، ގ.ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވި، ގ.ކުދިރުވާލިގެ، ޑޮކްޓަރ ޢާއިޝަތު ޝިހާމްއާއި މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ މަޤާމަށް ޢައްޔަންކުރެއްވި، ގ.މަނާމު، ޑޮކްޓަރ މަރިޔަމް ޝަކީލާއާއި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށް ޢައްޔަންކުރެއްވި، ޏ.ފުވައްމުލައް، ދޫޑިގަން / ކުނަހަގާލިގެ، އަލްފާޟިލް މުޙަންމަދު މަލީޙު ޖަމާލް އަދި ބަންޑާރަނައިބުގެ މަޤާމަށް ޢައްޔަންކުރެއްވި، ސ.ފޭދޫ / ސީނިޔާގެ، އަލްއުސްތާޛު މުޙަންމަދު ޢަނިލްއެވެ.

31 ޑިސެމްބަރު 2013