ޕަބްލިކް އެންޓަރޕްރައިސަސް ކޮމިޝަންގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ޕަބްލިކް އެންޓަރޕްރައިސަސް ކޮމިޝަންގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ކޮމިޓީން ނިންމަވާފައިވަނީ ޤާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ޕަބްލިކް އެންޓަޕްރައިޒަސް ކޮމިޝަނުގެ ބިލުގައި ބަޔާންކޮށްފައިވާ ކަންކަމާއި އަދި އެ ބިލުގެ ދައިރާގައި ހިމެނޭ އެހެން ކަންތައްތައްވެސް މާ ފުރިހަމަ ނިޒާމެއްގެ ތެރެއިން ކުރާނެގޮތް ބަޔާންކޮށްފައިވުމާއި، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮމޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު އިޞްލާޙްނުކޮށް ” ޕަބްލިކް އެންޓަރޕްރައިސަސް ކޮމިޝަންގެ ބިލު” ޤާނޫނަކަށް ވެއްޖެނަމަ ޤާނޫނީގޮތުން ފުށޫއެރުންތަކެއް އުފެދިދާނެކަމަށް ފެންނާތީވެ، ޕަބްލިކް އެންޓަރޕްރައިސަސް ކޮމިޝަންގެ ބިލު، އިތުރަށް ދިރާސާ ކުރުމަކީ ކޮމިޓީއަށް ނުފެންނަކަމެއްކަމަށާއި، ޕަބްލިކް އެންޓަރޕްރައިސަސް ކޮމިޝަންގެ ބިލު މަޖިލީހުން ރިޢާޔަތްކުރަން ނުފެންނަކަމަށެވެ.

އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް  ފާސްކުރައްވާފައިވަނީ 69 މެންބަރުންގެ އިއްތިފާޤުންނެވެ. މިރިޕޯޓް ފާސްކުރެއްވުމާގުޅިގެން ބިލު ވަނީ މަޖިލީހުގެ ތާޢާވަލުން ވަނީ އުނިވެފައެވެ.

29 ޑިސެމްބަރު 2013