މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)އަށް.. ވަނަ އިސްލާހުގެނައުމުގެ ބިލުގެ 26 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙު ފާސްކުރައްވައިފިއެވެ.
މިއަދު ފާސްކުރެވުނު މިއިޞްލާޙަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ ތެރެއިން، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށިއިރު އުމުރުން 65 އަހަރުވެފައި ވުމުގެ ސަބަބުން، އެޤާނޫނުގެ ދަށުން އަސާސީ ޕެންޝަން ފިޔަވައި، އިތުރު އިނާޔަތްތައް ހަމަނުޖެހޭ ފަނޑިޔާރުންނަށް، ސަރުކާރުގެ މާލީ ކަންތައްތަކާބެހޭ ވުޒާރާގެ މަޝްވަރާއާއެކު، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ވަކި ޢަދަދަކަށް، ފައިސާ އާއި އިނާޔަތްތައް އެ ކޮމިޝަނުން ހަމަޖައްސަދޭންވާނެކަމަށް ބަޔާންކުރާ އިޞްލާހެކެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަދެއްވާފައިވަނީ، ކޮމިޓީގެ މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުއެވެ. މުޤައްރިރުގެ އިތުރުން މިއަދުގެ ބައްދަލުވުމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަޑައިގެންނެވިއެވެ.