މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 02 ވަނަ ދައުރުގެ 03 ވަނަ ޖަލްސާގައި މަޖިލީހުގެ އިމްތިޔާޒު ބިލާއި ޕްރައިވެޓް ސެކިއުރިޓީގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވައި މަޖިލީހަށް ބަލައިގަނެ އިމްތިޔާޒުގެ ބިލު 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް އަދި ޕްރައިވެޓް ސެކިއުރިޓީގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީއަށް އިތުރަށް ދިރާސާ ކުރެއްވުމަށްޓަކާ ފޮނުއްވަވައިފިއެވެ. އަދި މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ބަސް ހިމާޔަތް ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިޔަށް ގެންދަވައިފިއެވެ.
މާވަށު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މިބިލުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ތަނބަކީ ދިވެހިބަސް ކަމަށްވީ ހިނދު، ދިވެހިބަސް ޙިމާޔަތްކޮށް އަންނަންއޮތް ޖީލު ތަކަށް އަމާނާތްތެރި ކަމާއެކު ވާޞިލުކޮށްދިނުމަކީ މިއަދުގެ ދިވެހި ޖީލުގެ މަސްއޫލިއްޔަތެއް ކަމުގައި ޤަބޫލު ކުރެވޭ ހިނދު، މިބޮޑު މަސްއޫލިއްޔަތު އަދާ ކުރުމަށް ޓަކައި ދިވެހިބަސް ޙިމާޔަތްކުރުމުގެ ޤާނޫނެއް ބޭނުންވާތީކަމަށް މިބިލުގައި ބަޔާން ކުރެވިފައި ވެއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވެވުމުގެ ގޮތުން ރިޔާސަތުން މިބިލުގެ ސުރުޚީ އިޢުލާން ކުރެއްވެވިއެވެ.
ޖުމްލަ 67 މެންބަރުން ހާޟިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބދުﷲ ޝާހިދާއި ނައިބް ރައީސް އަލްފާޟިލް އަޙްމަދު ނާޒިމެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 ޖޫން 2010 ވާ ހޯމަ ދުވަހުގެ ހެނދުނު 09 ޖަހާއިރުއެވެ.