ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 7 ބޭފުޅަކަށް ރުހުންދިނުމަށް ފެންނަކަމަށް ނިންމަވައިފި

މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 75 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މަޝްވްރާކުރެއްވިއެވެ.

      އަދި، މިމައްސަލަ ނިންމަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 15 ބޭފުޅުންނަށް ވަކި ވަކިން  ވޯޓަށް އައްސަވައި، އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާމެދު ކޮމިޓީއަށް ފެންނަގޮތެއް ނިންމެވިއެވެ. އެގޮތުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.އެންދެރިމާގެ، އަލްފާޟިލާ ދުންޔާ މައުމޫން އާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ރޯޒްބީމް، ޑރ.މުޙަންމަދު ޝައިނީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހއ.ތުރާކުނު/ވިނަރެސް، އަލްފާޟިލް މުޙަންމަދު ސަޢީދު އާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ.ނޫމަރާހިޔާ، އަލްފާޟިލް މުޙަންމަދު ޠާރިޤް އިބްރާހިމް އާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ.ކުދިރުވާލިގެ، ޑރ. ޢާއިޝަތު ޝިހާމް އާއި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ޏ.ފުވައްމުލައް/ ދޫޑިގަން/ކުނަހަނގާލިގެ، އަލްފާޟިލް މުޙަންމަދު މަލީހު ޖަމާލް އަދި އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ސ.ފޭދޫ/ސީނިޔާގެ އަލްއުސްތާޛު މުޙަންމަދު ޢަނިލްގެ ނަންފުޅަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމަށެވެ.

      އަދި، ކޮމިޓީގައި ޙާޟިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 6 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ސީނުކަރަންކާގެ، ކާނަލް (ރޓ) މުޙަންމަދު ނާޒިމް އާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ދަފްތަރު ނަންބަރު 1015، އަލްފާޟިލް ޢަބްދުﷲ ޖިހާދު އާއި، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ސާމަރާ، އަލްފާޟިލް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު އާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ހާލި، އަލްފާޟިލް އަމީން އިބްރާހިމް އާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގއ. މާމެންދޫ/ސަޢީދު މަންޒިލް، ޑރ.މުޙަންމަދު ޝަހީމް ޢަލީ ސަޢީދު އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ.ދޮންޖޭމުގެ، އަލްފާޟިލް އުމަރު ނަޞީރު އާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މ.ދިމްޔާތު، ޑރ. މުޙަންމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ގ.މަނާމު، ޑރ.މަރިޔަމް ޝަކީލާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ނުފެންނަކަމަށެވެ.

      ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު، މަޑުއްވަރި ދާއިރާގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.