ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު އަލުން ދިރާސާ ކުރެއްވުމަށް 11 މެންބަރުންގެ ކޮމިޓީއަކަށް މިއަދު ފޮނުވަވައިފި

ލޯކަލް ކައުސިލްތަކުގެ އިންތިޚާބުގެ ބިލު އަލުން ދިރާސާ ކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުއްވަވައިފިއެވެ. މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިގޮތުން މަޖިލީހުން ނިންމެވީ ކުރިން މަޖިލީހުން ފާސްކުރައްވަވާފައިވާ މިބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ނުކުރައްވަވައި އަލުން މަޖިލީހުން ވިސްނާ ވަޑައިގަތުމަށް ފޮނުއްވަވާ ފައިވާތީ އެވެ.

މިއަދު ބޭއްވުނު ޖަލްސާގައި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޓެކްސްއެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަން ކުރެއްވުމަށް ޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް މަޖިލީހަށް އިއްވުނެވެ. އަދި މިނަންތައް ދިރާސާ ކުރެއްވުމަށް ޓަކައި އިގްތިޞާދީ ކޮމިޓީއަށް ފޮނުއްވެވިއެވެ.

ދިވެހިރާއްޖޭގައި ތެލެސީމިޔާ ބަލި ފެތުރެމުންދާ ނިސްބަތް ކޮންޓްރޯލްކޮށް، ތެލެސީމިޔާ ކުދިންނަށް ފަރުވާ ދިނުމުގެ ނިޒާމެއް ޤާއިމުކޮށް،ފަރުވާ ދިނުމުގެ ނިޒާމަކީ ދިވެހި ދަޢުލަތުގެ ޚަރަދުގައި ހިންގާ ނިޒާމެއްކަމުގައި ކަނޑައެޅުއްވުމުގެ ބޭނުމުގައި މަޖިލީހުގައި ތަޢާރަފު ކުރެވިފައިވާ ” ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލް” ގެ އިބްތިދާއީ ބަހުސް މިއަދު ޖަލްސާގައި ނިންމަވާލައްވާފައި ވެއެވެ. މިބިލު މަޖިލީހަށް ބަލައިގަތުމަށް މާދަމާގެ ޖަލްސާގައި ވޯޓްނެގުން އޮންނާނެއެވެ.

މިއަދު ބޭއްވުނު 17 ވަނ ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ޔަޢުމިއްޔާތަކުގެ ތެރެއިން ނަންބަރ 2010/25 އިން 2010/28 އަށް ، 4 ޖަލްސާއެއްގެ ޔަޢުމިއްޔާ ފާސްކުރައްވަވައި މާވަށު ދާއިރާގެ މެންބަރު ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުސްޠަފާ ލުޠުފީ އާއި ސުވާލުކުރެއްވުންވެސް އޮތެވެ. މިގޮތުން ސިއްޙީ ދާއިރާ ކޯޕަރޓައިޒްކުރައްވައި ހެލްތު ކޯޕަރޭޝަން އުފެއްދެވި ގޮތަށް އެޑިއުކޭޝަން ދާއިރާގެ ކޯޕަރޭޝަނެއް އުފެއްދެވުމުގެ ވިސްނުންފުޅެއް މިނިސްޓަރ ގެންގުޅުއްވަވާތޯ ކުރެއްވި ސުވާލަށާއި އަދި މިއާއި ވިދިގެން މެންބަރުން ކުރެއްވެވި އެހެނިހެން ގުޅުންހުރި ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވެވިއެވެ.

ޖުމްލަ 66 މެންބަރުން ހާޟިރުވެ ވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު 3 ބޭފުޅަކު ބެލެހެއްޓެވިއެވެ. އެއީ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ނައިބްރައީސް އަލްފާޟިލް އަޙްމަދު ނާޒިމާއި އަދި ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައެޅިފައިވާ އިތުރު 5 ބޭފުޅުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުހަންމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ 08 ޖޫން 2010 ވާ އަންގާރަ ދުވަހުގެ ހެނދުނު 09 ޖަހާއިރު މަޖިލިސް ކުރާގޭގައި އޮންނާނެއެވެ.