ބަޖެޓްގައި ހިމެނޭ ޕީ.އެސް.އައި.ޕީގެ ކޮމްޕޯނަންޓާ ބެހޭގޮތުން މެންބަރުންގެ ޚިޔާލު ތަފާތުވެފައިވާތީ، ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ފުރުޞަތު ދެއްވައިފި

Majlis Raees Today2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށްފަހު ބަޖެޓްގައި ހިމެނޭ ޕީ.އެސް.އައި.ޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް)ގެ ކޮމްޕޯނަންޓާ ބެހޭގޮތުން މެންބަރުންގެ ޚިޔާލު ތަފާތުވެފައިވާތީ ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ރިޔާސަތުން މިއަދު ފުރުޞަތު ދެއްވައިފިއެވެ.

މިއަދުގެ ޖަލްސާ ފަށައިގެން ބަޖެޓް ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު، ބަޖެޓުގެ އިޞްލާޙުތައް ހުށަހެޅުމާއި ހަމައަށް ދިޔައިރު ދިމާވި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މިއަދުގެ ޖަލްސާ މެދުކަނޑާލެއްވުމަށްފަހު މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.

 “ޚިޔާލުތަފާތުވެގެން ދިޔައީ ބަޖެޓްގައި ހިމެނޭ ޕީ.އެސް.އައި.ޕީގެ ކޮމްޕޯނަންޓާއި ބެހޭގޮތުން މެންބަރުންގެ އިޙްސާސްތަކާއި ގުޅޭގޮތުން،” މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. “އެކަމުގައި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި އަޅުގަނޑު މަޝްވަރާކޮށްފިން އެކަމަށް ޙައްލެއް ހޯދުމަށްޓަކައި. އަދި ހަމަ އެއާއެކު ބަޖެޓް ކޮމިޓީގެ މުޤައްރިރާއި ވެސް އަޅުގަނޑު މިކަމުގައި މަޝްވަރާކޮށްފިން.”

 ޝާހިދު ވިދާޅުވީ މި މަޝްވަރާތަކަށްފަހު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެންފައި ވަނީ ބަޖެޓްގައި ހިމެނޭ ޕީ.އެސް.އައި.ޕީ ކޮމްޕޯނަންޓަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ފުރުޞަތު ލިބިވަޑައިގެންފި ނަމަ އެ ފުރުޞަތުގެ ބޭނުންކުރައްވާ އެ ބަދަލުތައް ގެނެވިދާނެ ކަމަށެވެ. އަދި ހަމަ އެއާއެކު ބަޖެޓް ކޮމިޓީގެ މުޤައްރިރު ވެސް އެ ފުރުޞަތު ލިބިވަޑައިގެންފި ނަމަ އެކަން ކުރެއްވިދާނެ ކަމަށް ވިދާޅުވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

“އެހެންވީމަ، މަޖިލީހުގައި ޢަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކުގެ ތެރެއިން މިކަން ކުރެވެން އޮތުމާއެކު އަޅުގަނޑު ޤަސްދުކުރަނީ އެ ފުރުޞަތު ބަޖެޓް ކޮމިޓީ އަށް އަރުވަން،” ޝާހިދު ވިދާޅުވިއެވެ. “ބަޖެޓް ކޮމިޓީގެ ރިޕޯޓްގައިވާ ޕީ.އެސް.އައި.ޕީ އާއި ބެހޭ ކޮމްޕޯނަންޓް ބަޖެޓް ކޮމިޓީގައި ބައްލަވައި ގެންނަވަންޖެހޭ އެއްބަސްވެވޭ ބަދަލުތަކާއެކު ހުށަހަޅުއްވައިދެއްވުމަށް އަޅުގަނޑު ފުރުޞަތު އަރުވާނަން.”

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ޑިސެމްބަރު 2013 ވާ ބުރާސްފަތިދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

25 ޑިސެމްބަރު 2013