މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 19 ވަނަ ޖަލްސާގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2014 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 61 މެންބަރުންގެ ޢިއްތިފާގުންންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2014 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ ފަރާތުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ 2014 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް ޕީއެސް.އައި.ޕީ ނުހިމަނާ ހުށަހަޅުއްވާފައިވާ ބަޖެޓަކީ 61,181,108 (ފަސްދޮޅަސް އެއް މިލިޔަން އެއްލައްކަ އައްޑިހަ އެއްހާސް އަށްސަތޭކަ އަށެއް) ރުފިޔާކަމަށާއި އަދި މިއަދަދުން %5 އުނިކުރެއްވުމަށްފަހު ޖެހޭ އަދަދު ފާސްކުރުމަށް ކޮމިޓީން ނިންމަވާފައިވާކަމަށެވެ. އަދި 2014 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރާ ބަޖެޓަކީ 58,122,053 (ފަންސާސް އަށް މިލިއަން އެއްލަކަ ބާވީސްހާސް ފަންސާސް ތިން) ރުފިޔާ ކަމަށް ހަމަޖެއްސުމަށްވެސް ނިންމަވާފައިވާކަމަށެވެ.
2014 ވަނަ އަހަރަށް ދައުލަތުން ހުށަހަޅުއްވާފައިވާ ބަޖެޓަކީވެސް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑު ބަޖެޓަކަށްވާތީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2014 ވަނަ އަހަރުގެ ބަޖެޓްގައި އޮފީސް އިމާރާތް އެޅުމަށް ހުށަހަޅުއްވާފައިވާ 34،275،714 ( ތިރީސް ހަތަރު މިލިއަން ދެލައްކަ ހަތްދިހަ ފަސްހާސް ހަތްސަތޭކަ ސާދަ) ރުފިޔާ އެހެން އަހަރަކަށް ފަސްކުރުމަށް ކޮމިޓީން ނިންމަވާފައިވާކަމަށެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރުމަށްފަހު ބައިނަލް އަޤްވާމީ އެކުވެރި ޖަމިއްޔާތަކުގެ އެހީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިމާރާތަށް ބޭނުންވާ ފައިނޭންސް ހޯއްދެވުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކޮމިޓީން ލަފާއަރުވާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 25 ޑިސެމްބަރު 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.
24 ޑިސެމްބަރ 2013