2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، “ބަޖެޓް ދިރާސާ ކުރާ ކޮމިޓީން” ދިރާސާކުރައްވައި ނިންމެވި، އެކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވައިފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، “ބަޖެޓް ދިރާސާ ކުރާ ކޮމިޓީން” ދިރާސާކުރައްވައި ނިންމެވި، އެކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން، މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި މަޖިލީހުގެ ރައީސަށް ފޮނުއްވައިފިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 84 ވަނަ މާއްދާގެ ދަށުން ކޮމިޓީ ރިޕޯޓަށް އިޞްލާހު ހުށަހެޅުއްވުމަށްޓަކައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް މެންބަރުންނަށް ފޮނުއްވުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ދަނީ ކުރައްވަމުންނެވެ. މިރިޕޯޓަށް އިޞްލާޙު ހުށަހެޅުއްވުމަށް މާދަމާ، 23 ޑިސެމްބަރ 2013 ވާ ހޯމަ ދުވަހުގެ 16:00 ގެ ނިޔަލަށް މެންބަރުންނަށް ފުރުސަތު އެރުވިފައިވެއެވެ.

 އަދި 24 ޑިސެމްބަރ 2013 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިރިޕޯޓް އެޖެންޑާކުރެއްވުމަށް މަޖިލީހުގެ ރައީސްވަނީ ނިންމަވާފައެވެ.