އެސޯސިއޭޝަން އޮފް ސާރކް ސްޕީކާރސް އެންޑް ޕާލިމެންޓޭރިއަންސް ގެ 7 ވަނަ ކޮންފަރެންސްގެ ޖެނެރަލް އެސެމްބްލީގެ ފުރަތަމަ ސެޝަންގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވާހަކަ ދައްކަވައިފި

ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިހާރު ކުރިއަށްދާ އެސޯސިއޭޝަން އޮފް ސާރކް ސްޕީކާރސް އެންޑް ޕާލިމެންޓޭރިއަންސް ގެ 7 ވަނަ ކޮންފަރެންސްގެ ޖެނެރަލް އެސެމްބްލީގެ ފުރަތަމަ ސެޝަންގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީސްކަމުގައިވާ ލޮކް ސަބާގެ ރައީސް އެސް.އެމް.ޓީ މެއިރާ ކުމާރު މިއަދު ވާހަކަ ދައްކަވައިފިއެވެ.

އެކަމަނާގެ ވާހަކައިގައި ދެކުނު އޭޝިޔާ ސަރަހައްދަކީ ތަފާތު ސަގާފަތްތަކާއި އިންސާނީ ނަސްލާއި ދީނާއި ބަހުގެ މައްޗަށް އެކުލެވިގެންވާ ސަރަހައްދެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން މި ސަރަހައްދަކީ 300 ނަސްލެއްގެ މައްޗަށް އެކުލެވިގެންވާ، އާބަދީގެ ގޮތުން ދުނިޔޭގެ ހަތަރު ބައިކުޅަ އެއްބައި އާބާދުވެފައިވާ ސަރަހައްދެއްކަން އެކަމަނާގެ ވާހަކައިގައި ބަޔާންކުރެއްވިއެވެ.

އެކަމަނާގެ ވާހަކައިގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ލާމަރުކަޒީ ކުރުމާއި ޒިންމާދާރުކުރުވުމާއި ރައްޔިތުންގެ ބާރުވެރިކަމުގެ މައްޗަށް ބައްލަވާ ލެއްވިއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގައި ރައްޔިތުންގެ ދައުރު އޮންނަންޖެހޭކަން ބަޔާންކުރައްވައި ވަރަށް ތަފްޞީލްކޮށް ވާހަކަ ދެއްކެވިއެވެ.

މިގޮތުން އެކަމަނާގެ ވާހަކައިގައި ޤާނޫނު ހަދާ މަޖިލީސްތަކުން ބިނާކުރަނިވި ގިނަ ޤާނޫނުތަކެއް ހެދިދާނެކަން ގަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ލިޔެވިފައިވާ ފޮތަށް ފުރހަމައަށް ޢަމަލުކުރެވޭނީ ހެދޭ ޤާނޫނުތަކަކީ މުހިންމު ޤާނޫނުތަކެއްކަން ރައްޔިތުންނަށް ގަބޫލުކުރުވައިދީގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.  އަދި މިއަދު ޤާނޫނު ހަދާ މަޖިލީސްތަކުގެ ދައުރަކަށް ވާންޖެހޭނީ ހަމައެކަނި ޤާނޫނުތައް ހެދުމެއް ނޫންކަން އޮޅުންފިލުވައިދެއްވައި ހިޔާލުތައް ފާޅުކުރެވޭ ތަންތަނަށް ވާންޖެހޭކަމަށް އެސް.އެމް.ޓީ މެއިރާ ކުމާރު ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކައިގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީސްކަމުގައިވާ ލޮކް ސަބާގެ ބައެއް ތަޖުރިބާތައް ހިއްސާ ކުރެވިއެވެ.

އެކަމަނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް މީޑިއާގެ ވަރަށް ބޮޑު ނުފޫޒެއް ކުރުވައެވެ. މިގޮތުން ޕްރިންޓް، އިލެކްޓްރޯނިކް މީޑިއާ، ޓީވީ އަދި ރޭޑިޔޯ ޗެނަލްތައް، އިންޓަނެޓް އަދި ސޯޝަލް މީޑިއާއިން ރައްޔިތުންގެ ވިސްނުމާއި ދެކޭގޮތަށް ނުފޫޒު ފޯރުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިސަބަބަށްޓަކައި އިންޑިޔާގެ ޤާނޫނު ހަދާ ދެ ގެއިންވެސް ކުރިއަށް ގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު އިންޓަނެޓުންނާއި، ޕްރިންޓް އަދި އިލެކްޓްރޯނިކް މީޑިއާގެ ޒަރިއްޔާއިން ފޯރުކޮށްދެމުންދާކަމަށް އެސް.އެމް.ޓީ މެއިރާ ކުމާރު ވިދާޅުވިއެވެ.

އެސް.އެމް.ޓީ މެއިރާ ކުމާރު ވިދާޅުވީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބަހުސްތަކާއި މަޝްވަރާ ބައްދަލުވުންތައް 24 ގަޑިއިރު ބްރޯޑްކާސްޓްކުރާ ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ޓެލެކާސްޓް ކުރަމުންދާކަމަށެވެ. މިކަމުގެ ސަބަބުން އެބޭފުޅުންގެ ޤާނޫނު ހަދާ މަޖިލީހުގެ އަޑު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެވި، ރައްޔިތުންގެ ވިސްނުމާއި ބަސް ދެނެގަނެ، ރައްޔތުންގެ ބައިވެރިވުން ހޯދިގެން ދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެސް.އެމް.ޓީ މެއިރާ ކުމާރުގެ ވާހަކައިގައި ޤާނޫނު ހަދާ މަޖިލީހަށާއި ޤާނޫނު ހަދާ މެންބަރުންނަށް ރައްޔިތުން އަބަދުވެސް ބަލަމުންދާކަމަށް ވިދާޅުވިއެވެ. އަދި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފަހި ގޮތްތަކެއް ހަދައިދިނުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކެނޑިނޭޅި މަސައްކަތް ކޮށްދިނުމަށް ރައްޔިތުން އެދޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިގޮތުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން، އެމީހުންގެ ވަފާތެރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މައްސަލަތަކަށް ވާކާލާތުކޮށް، އެމީހުންގެ ބާރު ހޯދައިދޭންޖެހޭކަމަށް އެސް.އެމް.ޓީ މެއިރާ ކުމާރު ވިދާޅުވިއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން މެދުނުކެނޑި ރައްޔިތުނާއެކު މަސައްކަތްކުރާނެޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންނާއި ޤާނޫނު ހަދާ މަޖިލީހާއިދެމެދު ފާލަމެއް ބިނާ ކުރުމުގެ މަޤްޞަދުގައި ލޮކް ސަބާއަށް ޒުވާނުން ޒިޔާރަތްކުރުމުގެ މަގު ކޮށައިދީފައިވާކަމަށް އެކަމަނާވިދާޅުވިއެވެ. މިގޮތުން ރަށްފުށުގެ ސްކޫލްތަކުގެ ދަރިވަރުން ޤާނޫނު ހަދާ މަޖިލީސް ބަލައިލުމުގެ ފުރުޞަތު ވަނީ ތަނަވަސްކުރެވިފައިވާކަން ފާހަގަކުރައްވައި ދަރިވަރުންގެ ފުރަތަމަ ގްރޫޕް މިމަހު 16 ވަނަ ދުވަހު އެކަމަނާއަށް ބައްދަލުކުރެއްވިކަމަށް އެކަމަނާވިދާޅުވިއެވެ. މިއީ ޑިމޮކްރަސީގައި ޒުވާނުންގެ ބައިވެރިވުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށާއި މީގެއިތުރުންވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށާއި ފެނުމުން މަރުހޫމްވެފައިވާ މީހުނަށް ލޮކް ސަބާއިން ވަޞީލަތްތަކެއް ޤާއިމްކުރެވިފައިވާކަމަށް އެކަމަނާވިދާޅުވިއެވެ.