އޭޝިއަން ޕާލިމަންޓަރީ އެސެމްބްލީގެ 6 ވަނަ ޕްލީނަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފުދު މިއަދު މާލެ ވަޑައިގެންފި

އޭޝިއަން ޕާލިމަންޓަރީ އެސެމްބްލީގެ 6 ވަނަ ޕްލީނަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފުދު މިއަދު މާލެ ވަޑައިގެންފިއެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ އެންބަސީ ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްފާޟިލް އަޙްމަދު ސުޒިލް އެވެ.

މި ބައްދަލުވުމުގައި އޭޝިއަން ޕާލަމަންޓެއް އެކުލަވާލުމުގެ ޚިޔާލަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން އޭޝިއަން ޕާލަމަންޓެއް އެކުލަވާލުމަށް ބޭނުންވާ 17 ރިޒޮލިއުޝަނެއް ފާސްކުރެވުނެވެ.

އޭޝިއަން ޕާލަމަންޓެއް އެކުލަވާލެވޭއިރު ފަލަސްޠީނަކީ މިނިވަން ޤައުމެއްގެ ޙައިސިއްޔަތުން އެޕާލަމަންޓުގެ މެންބަރުކަން ދެވެންޖެހޭނެކަމަށް ދިވެހިރާއްޖެއިން ހުށަހެޅިއެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ އެކުގައިކަމަށް ހާމަކުރިއެވެ. ބައިތުލް މަޤްދިސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ހިމެނޭ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމްވުމަށް ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް އަބަދުވެސް އެދޭނެކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ތަޢުލީމާއި ޘަޤާފަތާއި ވިޔަފާރިއާއި ޞިއްޙީ ދާއިރާއިން ދިވެހިރާއްޖެއާއި އޭޝިއާގެ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން އިއާދަކުރެނިވި ހަކަތައިގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެފަދަ ޤައުމަކަށް ބޭނުންވާނެ ހަކަތަ އުފެއްދެން ހުރި ގޮތްތަކާގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

އޭޝިއާގެ ސަރައްޙައްދަށް ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކާމާއި، އިންޑިޔާގެ ކަނޑުގައި ކަނޑުފޭރޭ މީހުންގެ ޙަމަލާތަކާ ގުޅިގެން ކުރިމަތިލާ މައްސަލަތައް ޙައްލުކުރުމަށާއި އިންސާނީ ވަގުފާރިގެ މައްސަލަ ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިވަގުތު ދުނިޔޭގެ އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ މައްސަލަތައްވެސް ޖަލްސާގެ ބައިވެރިންނާ ޙިއްސާ ކުރެވުނެވެ. މިގޮތުން ދޭދޭ އިޤްތިޞާދުތައް ހަރުދަނާކުރުމަށާއި ކަރަޕްޝަން ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ދިވެހި ވަފުދުގެ ބޭފުޅުން ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ މަޖިލީސް (ޝޫރާ މަޖިލީސް) ގެ ރައީސް ޢަބްދުﷲ އިބްން މުޙައްމަދު އަލް އައްޝައިޚް އާއި ބައްދަލުކުރައްވައި ދިވެހި ރައްޔިތުންނަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ބޭނުންވާ ވިޒާ ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ދެންނެވިއެވެ. ޝޫރާ މަޖިލީހުގެ ރައީސް ޢަބްދުﷲ އިބްން މުޙައްމަދު އަލް އައްޝައިޚުގެ ވާހަކަފުޅުގައި މަސްޖިދުލް ޙަރާމް ބޮޑުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާތީ އެދަތިކަން އޮތްނަމަވެސް ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ އަކީ ދުނިޔޭގައި އޮތް ސަތޭކަ އިންސައްތަ އިސްލާމީ ދެ ޤައުމުކަމަށް ވުމާއެކު ޙަރަމް ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު ކޯޓާއެއް ނެތްގޮތަށް ރާއްޖެއަށް ޙައްޖު ވިޒާ ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރައްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފަސޭހަފުޅު ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ ކޮންޓްރިބިއުޝަން ވަރަށް ފުރިހަމައަށް ލިބުނުކަމަށް ބައްދަލުވުމުގެ ކޯޑިނޭޓަރ ސެނެޓަރ މުޝާހިދު ފާހަގަކުރައްވާ ދިވެހި ވަފުދަށް ޝުކުރު އަދާކުރެއްވިއެވެ.