އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

DSC_9167

އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މެއިރާ ކުމާރު މިއަދު މެންދުރު ރާއްޖެވަޑައިގެންފިއެވެ.

އެކަމަނާ ރާއްޖެވަޑައިގަތުމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން ރަތް ދޫލައިން މަރުޙަބާ ދަންނަވައި އިސްތިޤްބާލް ކުރެއްވެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. މި ރަސްމިއްޔާތުގައި އެކަމަނާއަށް އޮނަރ ގާޑެއް އެރުވުނެވެ.

މެއިރާ ކުމާރަކީ އިންޑިއާގެ ލޮކް ސަބާއަށް ހޮވުނު އެންމެ ފުރަތަމަ އަންހެން ރައީސެވެ.

އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ޕާލިމަންޓަރީ މަންދޫބުންގެ މެދުގައި ހިއްސާކޮށް މަޝްވަރާކުރުމުގެ މަޤްޞަދުގައި 1992 ގައި އުފެއްދުނު ޖަމްއިއްޔާއެކެވެ. އެސޯސިއޭޝަން އޮފް ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސްގެ 7 ވަނަ ބައްދަލުވުން ކުރިއަށްދާނީ ހޮނިހިރު, އާދީއްތަ އަދި ހޯމަ ދުވަހު ބަންޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. ބޫޓާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް ޖިގްމީ ޝުލްޓިމް މިހާރު ރާއްޖެވަޑަގެން އެބައުޅުއްވައެވެ.