ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދްމަތްތައް ހިމެނޭ މަޝްރޫޢުތައް ފިޔަވައި އެހެނިހެން ހުރިހާ މަޝްރޫޢެއް ކުރިއަށް ނުގެންދެވުމަށް މާލެ ސިޓީ ކައުންސިލަށް ދެންނެވުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 61 ވަނަ ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލުން ބިން ކުއްޔަށްދިނުމާއި ކޮންޓްރެކްޓަރ އުސޫލުން ބިން ތަރައްޤީކުރުން ފަދަ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އެ މަޝްރޫޢުތައް ހިންގުމުގައި ވަކި ފަރާތެއްގެ މަސްލަހަތު ހިމެނޭގޮތަށް ޢަމަލުކުރަމުންދާކަމުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއަށް ލިބިވަޑައިގެންފައިވާތީ، އެކަމާގުޅޭގޮތުން މަޝްވަރާކުރެވި ވަކި ގޮތެއް އަންގަވަންދެން، ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދްމަތްތައް ހިމެނޭ މަޝްރޫޢުތައް ފިޔަވައި އެހެނިހެން ހުރިހާ މަޝްރޫޢެއް ކުރިއަށް ނުގެންދެވުމަށް މާލެ ސިޓީ ކައުންސިލަށް ދެންނެވުމަށް ކޮމިޓީން ނިންމަވައިފިއެވެ.

މިގޮތަށް، ނިންމަވާފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.