މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރު މާދަމާ ފެށެނީ

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރު މާދަމާ (07 ޖޫން 2010) ގައި ފެށޭނެ އެވެ. މިގޮތުން ބޭއްވޭ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މާވަށުދާއިރާގެ މެންބަރ ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.މުސްޠަފާ ލުތުފީއާއި ސުވާލު ކުރެއްވުން އޮންނާނެއެވެ. އަދި އެއް ޤަރާރާއި 3 ބިލެއް އަލަށް މަޖިލީހަށް ތަޢާރަފް ކުރުން އޮންނާނެއެވެ. މީގެއިތުރުން މަޖިލީހަށް ހުށަހެޅި މިހާރު ކުރިޔަށްދާ 05 ބިލަކާއި 01 ޤަރާރުގެ އިބްތިދާއީ ބަހުސްވެސް މާދަމާއިން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.

ތިންދަންފަޅިއަކަށް ކުރިޔަށްގެންދެވޭ ރައްޔިތުންގެ މަޖިލީހުގެ މައިޖަލްސާތައް މާދަމާ ފެށުމާއިއެކު މަޖިލީހުގެ ކޮމިޓީތަކުގެ ޢާންމު ބައްދަލުވުންތައްވެސް މާދަމާއިންފެށިގެން ކުރިޔަށް ދާނެއެވެ.