އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ކުރިއަށްގެންދާ ” ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013″ ގެ ބައިވެރިން މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނާ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު ބައްދަލުކުރައްވައި، ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރާމަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން، މަޖިލީހުގެ ކައުންސެލް ޖެނެރަލްއާއި އަމީން ޢާންމުގެ ނައިބުވެސް ބައިވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.
އަދި، މިޕްރޮގްރާމުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްގައި ބައިވެރިވެ މަޢުލޫމާތު ހޯއްދެވިއެވެ.
އަތޮޅުތަކާއި މާލެއިން ހޮވާލެވިފައިވާ 40 ޒުވާނުން ބައިވެރިވާ މި މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރމަހު 15 ގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން މޮކް – ޕާލިމެންޓެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ.